Thursday, April 3, 2008
ހަގީގީ ހައްދު ފަހަނަ އަޅާ ދިއުމަކީ ކޮބައި ހެއްޔެވެ.
އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ އިންސާނީ ދިރިއުޅުމުގެ ހުރިހާކަމެއްގެވެސް ޙައްދުތައް ކަނޑައަޅައި، އެޙައްދުތަކުން ބޭރުވާ މީހަކީ ޙައްދު ފަހަނާޅާފައިވާ މީހެއް ކަމުގައި ލެއްވެވި ގަދަ ފަދަ ކީރިތިވަންތަ މާތް ﷲ އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ އެބޭކަލެއްގެ ސުންނަތައް ތަބާވެއްޖެ ކޮންމެ މީހަކީ ބޮޑުވެގެންވާ ކާމިޔާބު ލިބުމަކުން ކާމިޔާބު ލިބިއްޖެ މީހެއްކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވައި، މިއުންމަތައް ކައު ކުރެއްވެވި މާތް ސާހިބާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަށެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އެންމެހައި އާލު އަޞްޙާބުންނާއި، ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓައިގެން ތިބި އެންމެހައި މީސްތަކުން ޝާމިލު ކުރަމެވެ.
ދުނިޔޭގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް، އަޑުއިވެމުން މިދަނީ ދީނީ ގޮތުން ޙައްދަ ފަހަނާޅައި ދާ ވާހަކައެވެ. ފަހެ ޙައްދު ފަހަނާޅައި ދިޔުމަކީ ކޮބައި ހެއްޔެވެ؟ އެއީ ﷲ އާއި އެކަލާނގެ ރަސޫލާ އެންގެވި ގޮތަށް ޢަމަލު ކޮށް އެއިލާހުގެ ފޮތަށް ޙުކުމް ކުރުން ހެއްޔެވެ؟ އެހެންވެއްޖެ ކަމުގައިވާނަމަ އަވަހަށް ޙައްދު ފަހަނާޅާފައިވާ މީހަކަށް ވާށެވެ.
އިސްލާމިސްޓެކޭ ނުވަތަ ފަންޑަމެންޓަލިސްޓެކޭ ނުވަތަ ވައްހާބީ އެކޭ ނުވަތަ ރެޑިކަލް މުސްލިމެކޭ ނުވަތަ ޓެރަރިސްޓެކޭ މީހުން ކިޔަސް އެންމެ ރަނގަޅެވެ. މުއުމިނުންގެ ޞިފަތައް ބަޔާން ކުރައްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ، މުއުމިނޫން ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. “قَدْ أَفْلَحَ الْمُؤْمِنُونَ” (المؤمنون:1) “ހަމަ ކަށަވަރުން ކާމިޔާބު ލިބޭހުށީ މުއުމިނުންނަށެވެ.” “الَّذِينَ هُمْ فِي صَلاتِهِمْ خَاشِعُونَ” (المؤمنون:2) “އެބައިމީހުންނީ، އެބައިމީހުންގެ ނަމާދުތަކުގައި (ﷲ އަށް) ބިރުވެތިވާ މީހުންނެވެ.” “وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ” (المؤمنون:3) “އަދި އެބައިމީހުންނީ ހަޑިމުޑުދާރު ބޭކާރު ވާހަކަތަކަށް ފުރަގަސްދިން ބައެކެވެ.” “وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ” (المؤمنون:4) “އަދި އެބައިމީހުންނީ ޒަކާތް ދީ އުޅުނު ބައެކެވެ.” “وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ” (المؤمنون:5) “އަދި އެބައިމީހުންނީ، އެބައިމީހުންގެ ފަރުޖުތައް (ޒިނޭ ކުރުމާއި އެނޫންވެސް އެހެން ފާޙިޝް ޢަމަލުތަކުން) ރައްކާތެރި ކުރި ބައެކެވެ.” “إِلاّ عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ” (المؤمنون:6) “އެއީ އެބައިމީހުންގެ އަނބީންނާއި އަދި އެބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންގެ ކިބައިން މެނުވީއެވެ. ފަހެ އެބައިމީހުންނީ (އެކަމުގައި) މަލާމާތް ލިބިގެން ނުވާ މީހުންނެވެ.” “فَمَنِ ابْتَغَى وَرَاءَ ذَلِكَ فَأُولَئِكَ هُمُ الْعَادُونَ” (المؤمنون:7) “އެނޫން އެހެން ގޮތެއް ބޭނުންވެއްޖެ ބަޔަކު ދަންނާށެވެ. ފަހެ އެބައިމީހުންނަކީ އެއީ ޙައްދު ފަހަނާޅާފައިވާ ބައެކެވެ.” މަތީގައި ބަޔާންވެ އެދިޔަ އާޔަތްތަކުން ޙައްދު ފަހަނާޅާފައިވާ މީހުންނަކީ ކޮބައިކަން ނިކަން ރަނގަޅަށް އެނގި ސާބިތު ވެއްޖެއެވެ. އެހެންނަމަވެސް ހިތާމައަކީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މުސްލިމުންގެ ނަމުގައި ތިބެ ޤުރުއާނާއި ސުންނަތައް ތަބާވާ މީހުންނަށް މަލާމާތްކޮށް ފުރައްސާރަ ކުރާކަމެވެ. މީސްތަކުންގެ ދޫދޫ މަތިން ގޮސް ނޫސް މަޖައްލާތަކާއި ރޭޑިއޯއާއި ޓީވީއަށް ދާން ދެންވެސް އޮތީ މިކަމެވެ. ޙަޤީޤަތަކީ މިކަމުގައި މަޝްޣޫލުވެ އުޅޭ ގިނަ މީހުންނަކީ މަތީގައި ބަޔާންވެ ދިޔަ އާޔަތްތަކުގައިވާ ފަދައިން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވެ ހެއްދެވިހައި ފާޙިޝް ކަންތައްތަކަށް އަރައިގަންނަމުންދާ ބައެއް ކަމުގައި ވާކަމެވެ. ޚުދު އެމީހުންނަށް، އެމީހުން އެތިބީ ޙައްޤުގައި ނޫންކަން އެނގެއެވެ. ﷲ ތަޢާލާއަށް އުރެދި ބޮޑެތި ފާފަތަކާއި ޖަރީމާތަކަށް އަރައިގަނެ ހަދާ މީހުން މުއުމިނުންނާއި ދިމާލަށް ބުނެ އުޅޭނެކަމަށް މުޠައްފިފީން ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. “وَإِذَا رَأَوْهُمْ قَالُوا إِنَّ هَؤُلاءِ لَضَالُّونَ” (المطففين:32) “އަދި އެބައިމީހުންނަށް މުއުމިނުން ފެންނަހިނދު ބުނާނެތެވެ. ފަހެ އެއީީ މަގުފުރެދި ޙައްދު ފަހަނާޅާފައިވާ ބައެކެވެ.”
ދަންނާށެވެ! ޙަޤީޤީ ޙައްދު ފަހަނާޅާފައިވާ މީހުންނަކީ ނަމާދުތައް އަޅައި ރޯދަ ނުހިފައި ޒަކާތް ނުދީ މިދުނިޔެމަތީގައި ހެއްދެވިހައި ނުބައި ނުލަފާ ފާޙިޝް ކަންތައްތަކަށް އަރައިގަނެ ﷲ އާއި އެއިލާހުގެ ރަސޫލާއާއި މުއުމިނުތަކުންނަށް މަލާމާތާއި ފުރައްސާރަކޮށް ޖޯކު ޖަހާ ހަދާމީހުންނެވެ. ފަހެ އެބައިމީހުންނަށް ދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް ކާމިޔާބެއް ނެތެވެ. މިބުނަނީކީ އަދި ދީނުގެ ކަންތައްތަކުގައި ހިފައިގެން ހައްދު ފަހަނާޅާފައި ތިބި ބަޔަކު ނެތް ވާހަކައެއްވެސް ނޫނެވެ.
ރަނގަޅެވެ. ދީނުގައި ޝަރުޢު ކުރައްވާފައިވާ ހަމަތަކާއި އުސޫލުތަކާއި ޚިލާފަށް އެމީހުންގެ ޚިޔާލާއި ފިކުރާއި ނުގުޅޭ ބަޔަކީ ކާފަރުން ކަމުގައި ހަދާ، މީސްތަކުންގެ ލެޔާއި މުދަލާއި އަނބި ދަރީން ހުއްދަ ކުރާ މީހުންވެސް އެބަ އުޅެއެވެ. އެކަމަކު މީގެ ސަބަބުތަކަށްވެސް ބަލާލަން އެބަޖެހެއެވެ. މިކަންތައް މެދުވެރިވާން މިޖެހުނީ މީސްތަކުން ޤުރުއާނާއި ސުންނަތައް ކުރާ ފުރައްސާރައާއި އިސްލާމީ ގިނަ ޤައުމުތަކުގެ ވެރީންގެވެސް ނުބައި ނުލަފާ ޖައްބާރު ކަމުންނެވެ. އެމީހުންވަނީ އިސްލާމީ ޝަރީޢަތް ދޫކޮށް ކާފަރުންނަށް އަޅުވެތިވެ އެމީހުންގެ ގޮތްތައް ފަތުރާ މުޅި އިސްލާމީ އުއްމަތް ފުނޑުފުނޑު ކޮށްލާފައެވެ. އެންމެހައި ފާޙިޝް ކަންތަކާއި މުންކަރާތްތަކަށް މަގުފަހި ކޮށްދީފައެވެ. އަދި ނުވިތާކަށް ދުނިޔޭގެ ޝައިޠާނީ ބާރުތަކުން އިސްލާމީ އުއްމަތް ފުނޑުފުނޑު ކޮށްލުމަށް ފަށާފައިވާ ހަނގުރާމާގައި އެބައިމީހުންނާއި އެއްބައިވެ އަތުކުރި އޮޅާލާފައެވެ.
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ކޮންމެއަކަސް ދީނީ ގޮތުން އެމީހުންގެ ބައެއް ފިކުރުތައް ޙައްދު ފަހަނާޅާފައި ވިޔަސް އެމީހުން ނަމާދު ކުރޭތާއެވެ. ނަމާދަކީ އީމާންކަމާއި ކުފުރާއި ދެމެދުގައިވާ ހުރަހެވެ. މުސްލިމުންނާއި ކާފަރުންނާއި ދެމެދުވާ ފަރަޤެވެ. ފަހެ އެނަމާދުތަކަށް ރައްކާތެރި ވެއްޖެ މީހާ ކިތަންމެ ގިނަ ފާފައަކާއިގެން ﷲގެ ޙަޒްރަތަށް ދާން ޖެހުނަސް ފަހަރެއްގައި ﷲ އޭނާގެ ފާފަތައް ފުއްސެވުން އެކަށީގެންވެއެވެ. އެހެންނަމަވެސް ނަމާދުތައް ނުކޮށް އުޅުނު މީހަކަށް އެދުވަހުން އެއްވެސް ސަލާމަތްކަމެއް ނެތެވެ. ދަންނާށެވެ. ޙައްޤުގޮތް މިއޮތީ ޤުރުއާނާއި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ސާފުކޮށް ފެންނާށެވެ. ބަޔަކު ކިތަންމެ މަލާމާތްކޮށް ފުރައްސާރަ ކުރިޔަސް ޢިއްޒަތްވަނީ އެގޮތުގައި ހިފެހެއްޓި ބަޔަކަށެވެ. ﷲ ތަޢާލާ އަލް-މުނާފިޤޫން ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. “وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَكِنَّ الْمُنَافِقِينَ لا يَعْلَمُونَ” (المنافقون:8) “ދަންނާށެވެ. އެންމެހައި ޢިއްޒަތެއް ވަނީ ﷲ އަށާއި އެއިލާހުގެ ރަސޫލާ އަށާއި އަދި މުއުމިނުތަކުންގެ މައްޗަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް އެކަމެއް ނޭނގެއެވެ.”
Saturday, November 3, 2007
Monday, October 29, 2007
Himendhoo haadhisaa ah..
ހިމެންދޫ ޙާދިޘާއަށް
http://www.sandhaanu.net/news/118/ARTICLE/1354/2007-10-11.html
youtube: http://www.youtube.com/watch?v=QV51B9ShvCU
ހިމެންދޫގައި ހިނގައިދިޔަ މައްސަލަތަކަކީ ހާދަބޮޑު އަދި ހިތާމަވެރި ޙާދިޘާއެކެވެ. ކޮންމެމީހަކުވެސް، މިހެންބުނެފައި ނިންމާލަނީއެވެ. އަނެއްބަޔަކި ހިމެންދޫގައި ވަކިވެގަނެގެން އުޅޭ ޖަމާޢަތް ކުށްވެރި ކޮށްލާފައި ނިންމާލަނީއެވެ. އަޅުގަނޑުގެ ހިތުގައި އުފެދެނީ ސުވާލުތަކެކެވެ. ހިމެންދޫގައި ވަކިވެގަނެގެން އުޅޭ ޖަމާޢަތެއް އުފެދެން ޖެހުނީ ކީއްވެގެންތޯއެވެ.؟ މި ސުވާލުގެ ޖަވާބު ދެއްވާނީ ކޮންބޭފުޅެއްތޯއެވެ.؟ ހިމެންދޫއަށް ފުލުހުން އަރާ މިޖަމާޢަތް ރޫޅާލަން ޙަރަކާތްތެރިވީ މިއީ ފުރަތަމަ ފަހަރެއްނޫނެވެ. ދަންނަވަންތޯއެވެ. ވޭތުވެ ދިޔަ ރަމަޟާންމަހަކީވެސް، މިފަދައިން ފުލުހުން މިރަށަށް އަރާފައިވާ ރަށެކެވެ. އެފަހަރު ބޮޑު ހަނގުރާމަޔަކާ ކުރިމަތިލާން ނުޖެހުނުނަމަވެސް، މި ޖަމާޢަތުގެ މީހުން ނަމާދު ކުރަމުންދާ "ދާރުލް ޚައިރު" ފުލުހުންވަނީ ތަޅާލާފައެވެ. އަދި އެތަނުން 27މީހަކު ހައްޔަރުކޮށްގެން ޖަލުގައި ދުވަސްތަކެއް ހޭދަކުރަންޖެހުނުވެ. މިބައިމީހުންގެ މައްޗަށް ދީނީ މަޞްލަޙަތު ނަގާލަން މަސައްކަތްކޮށްގެން ދަޢުލަތުން ކުރާ ދަޢުވާ އަދިވެސް، ކުރިޔަށް އޮތީއެވެ.
އަޅުގަނޑަކީ ހިމެންދޫއަށް ގޮސް ހިމެންދޫގައި މި ނަންގަނެވޭ ވަކިވެގަނެގެން އުލޭ ޖަމާޢަތް ނޫނީ ހައްދުފަހަނައަޅާފައިވާ މީހުންނާއި ބައްދަލުކޮށްފައިވާވެސް މީހަކީމެވެ. މި ޖަމާޢަތުގެ މީހުންނާއި ދެކެވޭ ހުރިހާ ވާހަކަތަކަކީ ތެދު ޙަޤީޤަތްކަމުގައި އަޅުގަނޑަށް ދެންނެވޭކަށްނެތެވެ. މި ނަންގަނެވޭ ހައްދުފަހަނަ އަޅާފައިވާ ޖަމާޢަތަކީ އެންމެހާ ތަހުޒީބުގެ ރިވެތި އާދަތަކުން މަޙުރޫމްވެގެންވާ ބައެއްކަމުގައި އަޅުގަނޑު ޤަބޫލްއެއްނުކުރަމެވެ. އަޅުގަނޑަކީ ހަމަ ޔަޤީނުންވެސް، މި ޖަމާޢަތުގެ މީހުންގެ ދިރިއުޅުމާ އެއްގޮތަށް އުޅޭ މީހެއްނޫނީމެވެ. އަދި މިބައިމީހުންގެ ހެދުންއެޅުމާއި، ދިރިއުޅުމާއި ގާތްކުރާގޮތަކަށްވެސް، އުޅޭ މީހެއްނޫނީމެވެ. އެހެންނަމަވެސް، އެމީހުންގެ ފަރާތުން ރިވެތި އާދަތަކެއް ނެތިގެނެއްނުދެއެވެ. ރަށަށް އަރާ ބީރައްޓެހިންނަށް ކަމޭހިތަން އެބައިމީހުންވެސް، ދަނެއެވެ. އަޅުގަނޑަށް އެމީހުންގެތެރެއިން ފިރިހެނެއް، އަންހެނެއް. ކުޑަކުއްޖެއް ކިޔާނެކަމެއްނެތެވެ. އެންމެންވެސް ކަމޭހިތިއެވެ. އަދި އެމީހުންގެ ވާހަކަދެއްކުމުގައި އޯގާތެރިކަންވެއެވެ. މިއަދާ ހަމައަށްވެސް، އަޅުގަނޑާއި އެބައިމީހުންނާއި އޮންނަ ގާތް ކަމެއް އެބައޮތެވެ. އެމީހުން ފަހަރެއްގައިވެސް، އެމީހުން އުޅޭގޮތް އެންމެ މޮޅުގޮތްވެގެން އެގޮތަށް އުޅުމަށް ނޫނީ އެގޮތް އެއީ އެންމެ ފުރިހަމަގޮތްކަމުގައި އަޅުގަނޑަށް ވިސްނާދޭކަށް މަސައްކަތެއް ނުކުރެއެވެ. އަދި އެފަދަ ގޮތަކަށް އުޅޭ މީހަކަށްނުވާތީވެ، އަޅުގަނޑަށް މަލާމަތްރައްދުކޮށް ހަދާފަކައިވެސް ނެތެވެ. މިދަންނަވަނީކީ އެބައިމީހުން ނަކީ އެންމެ ފުރިހަމަ ގޮތަށް ނޫނީ އުޅެންވީ އެންމެ މާތް ގޮތަށް އުޅޭ ބައެކޭއެއްނޫނެވެ. އަދި ވަކިން ޖަމާޢަތް ހަދައިގެން، މުޅިން ވަކިވެގަނެގެން، ވަކިން މިސްކިތް ހަދައިގެން އެއުޅޭ އުޅުމަކީ އެންމެ ރަނގަޅުގޮތެކޭވެސް، ނޫނެވެ. އެހެންނަމަވެސް ސުވާލަކީ، އެމީހުންނަށް އެގޮތަކަށް ކަންތައް ކުރަން ޖެހުނީ، ނޫނީ އެގޮތަށް އެމީހުން ބަދަލުވީ ކިހިނެއްވެގެންތޯ، މިކަން މިހެންމިދިމާވީ މިއަދުހަމަ ކުއްލިއަކަށްތޯއެވެ؟
ސަލްޓަން ޕާރކުގައި ބޮންގޮއްވީމާ އަދި ފަތުރުވެރިންގެ ބަޔަކަށް އަނިޔާތަކެއްލިބުނީމާ، އެކަމާގުޅިގެން ހޯދަންޖެހޭ އެންމެން ހޯދުމުގެ ގޮތުން މިކުރާ މަސައްކަތަށް އަޅުގަނޑުވެސް ހަމަ ތާޢީދުކުރަމެވެ. ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދޭ މީހެއްކަމުގައި އަޅުގަނޑުނުވަމެވެ. އެހެންނަމަވެސް، މިކަމާއި ގުޅިގެން އއ. ހިމެދޫގައި ހިނގައިދިޔަ ކުރިމަތިލުންތަކަކީ އެކަންއެގޮތަށް ހިނގައިގެންވާނެކަމެއްނޫނެވެ. އެންމެ ފުރަތަމަވެސް، މިދަންނަވާ ޖަމާޢަތަށް ހީވެފައިއޮތީ ފުލުހުން މިރަށަށް އެރީ މިސްކިތް ތަޅާލަން އައީ ކަމުގައެވެ. އެހެންކަމުން އެމީހުން ބުނަމުންދިޔައީ ކޮންމެފަދައަކުންވެސް މިމިސްކިތް އެމީހުން ޙިމާޔަތް ކުރާނެކަމަށެވެ. އެގޮތުން އެމީހުން ނުކުތީ ފުރިހަމަ ހަތިޔާރާއެކީއެވެ. އެހެންނަމަވެސް، އެމީހުންނާއި ފުލުހުންނާއި ދެކެވިފައިވާ ވާހަކަތަކުން އެމީހުންތިބީ ފުލުހުންނަށް އެއްބާރުލުން ނުދޭކަށޭ ދެންނެވޭނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނެއެވެ. އެމީހުންވެސް، އަދި ފުލުހުންވެސް ޢަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށޭ އަޅުގަނޑަކަށް ނުދެންނެވޭނެއެވެ. އެމީހުންގެ އަނބިދަރިން ތިބެނީ މޫނުބުރުޤާ އަޅުވާ ނިވާކޮށްފައިނަމަވެސް، ފުލުހުންނަށް އެމީހުންގެ މޫނުދައްކާ ގެތައް ފާސްކޮށް ހެދުމަށް ފުރުޞަތުދިނެވެ. އަދި ނޫސްވެރިންގެ ކުރިމަތީގައި އެމީހުންގެ މިސްކިތް ބަލަފާސްކޮށް ހެދުމަށްވެސް ހުއްދަ ދިނެވެ. އެހެންނަމަވެސް. ކުރީ ރަމަޟާންމަހުވެސް، މިސްކިތަށް ގެއްލުމެއްނުދޭނަމޭ ބުނެ އެތަން ހަލާކުކޮށްލީމާ އެމީހުންގެ ކުރިމަތީގައި ފުލުހުންގެ ޢިތުބާރުވަނީ ގެއްލިފައެވެ. އެހެންކަމުން އެމީހުން ބޭނުންވީ އެއްވެސް ހަތިޔާރެއްނެތި ފުލުހުން އެތަނަށްވަނުމަށެވެ. މީގެ ރައްދުގައި ފުލުހުން އިސްވެ، އަވަސްވެގަތީ ޙަމަލާއަކަށެވެ. މިބައިމީހުންތިބީ ފުލުހުންނާއި ސިފައިންނާއި ކުރިމަތިލާން ފުރިހަމައަށް ތައްޔާރުވެގެންކަން ރަނގަޅަށް އެނގިތިބެ މިގޮތަށް ކުރިމަތިލުމަކީ މިކަމުގައި އޮތް އެންމެ ރަނގަޅު ޙައްލުކަމުގައި އަޅުގަނޑު ޤަބޫލެއްނުކުރަމެވެ. މީގެ ހެއްކަކީ މިބަދަލުކުރެވުނު ޙަމަލާގެ ފަހުން ދިވެހިރާއްޖޭގެ ސަލާމަތީ ސިފައިން މިބައިމީހުންނާއި ވާހަކަދައްކައިގެން އެއްވެސް ކުރިމަތިލުމަކަށް ނުގޮސް މިކަމަށް ނިމުންގެނެވުނީމައެވެ.
މިކުރިމަތިލުން ހިނގައިދިޔަ ދުވަހު އއ.ހިމެންދޫގައި ޙަރަކާތްތެރިވީ ނޫސްވެރިންވެސް ޤަބޫލްކުރާގޮތުގައި މިފަދަ ޙަމަލައަކަށްނުގޮސް މިކަން ޙައްލުކުރެވުނީހެވެ. އަޅުގަނޑުމެންގެ އެސަންދާނަކީ ހަފްތާ މަޖައްލާއަކަށްވާތީ، ފުލުހުން ނާއި ސިފައިން ނޫސްވެރިންނަށާއި ޚަބަރުފަތުރާ ފަރާތްތަކަށް މިފަދަ ޙަރަކާތްތަކުގައި ބައިވެރިވުމަށް ދެއްވާ ފުރުޞަތުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭކަން ވަރަށް ހިތާމަޔާއެކު މި ވަޤުތު ފާހަގަކުރަމެވެ. މި ޙަރަކާތްތައް ހިނގަމުންދިޔައިރު ވަޤުތުން ވަޤުތަށް ހިނގަމުންދިޔަ ކަންތައްތައް ގެނެސްދެއްވުމުގައި ދި އެފް.އެމް.އިން ކުރެއްވި މަސައްކަތަށް ހަމަ ސާބަހެވެ. ދި އެފް.އެމް.އިން ވަޤުތުން ގެނެސްދެއްވި ކަވަރޭޖެ ފިޔަވައި ވަޤުތުން އަޅުގަނޑަށް ލިބެމުންދިޔައީ އެއްފަރާތުގެ ބަހެވެ. އަނެއްފަރާތް އަޅުގަނޑުމެންނަށް ގެނެސްދޭންމިޖެހެނީ އެހެނިހެން ނޫސްތަކާއި ބްރޯޑްކާސްޓް ކުރާ ފަރާތްތަކުގެ ޚަބަރުތަކަށް ބަލާފައެވެ. މިގޮތުން މިދެންނެވި ޖަމާޢަތުގެ ބައެއް މީސްމީހުނާއި ކޮންމެވެސް ވަރަކަށް ވާހަކަދެކެވި އެމީހުންގެ ބަސްލިބިފައިވެއެވެ. އެދުވަހުގެ 3ޖެހިއިރުވެސް އެމީހުން ބުނެފައިވަނީ ފުލުހުންނަށް އެއްބާރުލުންދެމުން އެމީހުންދާވާހަކައެވެ. އަދި ފުލުހުންވެސް، އެމީހުންގެ މިސްކިތަށް ގެއްލުމެއް ނުދޭނެކަމަށް ބުނަމުންދާތީ އެއްވެސް ކުރިމަތިލުމަކަށް ނުގޮސް މިކަން ނިމޭނެކަމަށް އުއްމީދުކުރާކަމުގައެވެ. އެހެންނަމަވެސް، އެމީހުން ތިބީ ޙަމަލައެއްދީފިނަމަ އެއަށް ރައްދުދޭންކަމުގައެވެ.
ކުއްލިއަކަށް އެހެންގޮތަކަށް ކަންތައްތައް ބަދަލުވެގެންދިޔައީއެވެ. ހަނގުރާމައިގެ މައިދާނަކަށް އއ.ހިމެންދޫ ބަދަލުވެގެން ދިޔައީއެވެ. މިފަދަ ހަރުކަށި ޖަމާޢަތަކާއި މުޢާމަލާތުކުރަންވީގޮތް ނޫންގޮތަކަށް ފުލުހުންނަށްވެސް އަމަލުކުރެވުނީއެވެ. މި ހަނގުރާމައިގެ މައިދާނުން ނޫސްވެރިން ބޭރުކޮށް މާލެއަށް ފޮނުވާލިއިރުވެސް، އެތައްބަޔަކަށް ދިޔައީ ބޮޑެތި އަނިޔާތަކެއް ލިބެމުންނެވެ. ނޫސްވެރިން ހިމެންދޫއިން ބޭރުކުރެވުނީ އެމީހުންގެ ސަލާމަތަށް ކަމުގައި ވިދާޅުވެއެވެ. އެހެންނަމަވެސް، ނޫސްވެރިން ރަށުން ބޭރުކުރުމަކީ އެތައްބައެއްގެ ހިތުގައި ސުވާލުއުފެދި، މި އޮޕަރޭޝަން ހިންގިމީހުންގެ ނިޔަތާމެދު ޝައްކު އުފެދޭނެކަމެކެވެ. ނޫސްވެރިންނަކީ ބޮޑެތި ހަނގުރާމަތަކުގެ މައިދާނުގައިވެސް، ފަހަށް ނުޖެހި މަސައްކަތް ކުރަންޖެހޭބައެކެވެ. ފުލުހުންނާއި ސިފައިންނެކޭ އެއްފަދައިން ހަށިފުރާނައަށް ބިރުވެތިނުވެ އެބައިމީހުންގެ ވާޖިބު އަދާކުރަންޖެހޭބައެކެވެ. ނޫސްވެރިން ހިމެންދޫއިން ބޭލުމުގެ ކުރިން މިރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް މަޢުލޫމާތުތައް ލިބެމުންދިޔައެވެ. އެހެންނަމަވެސް، އޭގެފަހުން ލިބެމުންދިޔައީ ކަށަވަރު ނުކުރެވޭ ތަފާތު ޒާތްޒާތުގެ ޚަބަރުތަކެވެ. މިގޮތުން އެތައްބައެއްގެ ހިތުގައި ބިރުވެރިކަން ފެތުރިގެންދިޔައެވެ. އަދި ދައްކަންނުޖެހޭ އެތައްވާހަކަތަކެއް ޙަޤީޤަތަކަށް ބެލުމެއްނެތި ދިޔައީ ދައްކަމުންނެވެ. އއ. ހިމެންދޫގައި ދެ ފުލުހަކާއި ސިފައިންގެ ބޭކަލަކު މި ޖަމާޢަތުން ރަހީނުކުރިވާހަކައެވެ. ފޯނުތަކަށް ރޭންޖުނުލިބޭތީ ފޯނުންވެސް، މީހަކާ ބައްދަލުވަނީކީ ނޫނެވެ. އެހެންނަމަވެސް، އެރޭ 10.00ގެކުރިން މީގެން މީހަކާ ބައްދަލުވާގޮތް އަޅުގަނޑަށްވިއެވެ. އެހެންކަމުން އެމީހުން ރަހީނުކޮށްފައިވަނީ ކިތައްމީހުންތޯ އެކަން އެގޮތަށް ކުރީކީއްވެތޯ އަޅުގަނޑު ސުވާލުކުރީމެވެ. އެމީހުން އަޅުގަނޑު ގާތުބުނެފައިވަނީ އެމީހުން އެއްވެސްމީހަކު ރަހީނުނުކުރާކަމަށެވެ. އެހެންނަމަވެސް، ހިނގައިދިޔަ ކުރިމަތިލުމުގައި އަނިޔާވި ސިފައިންގެ ބޭކަލަކު އެމީހުން ބަލަހައްޓަމުންދާކަމުގައެވެ. އަދި އެބޭކަލަކީ އަނިޔާވެފައި އޮއްވާ އޭނާދޫކޮށްލާފައި ލަޝްކަރު ދޫކޮށްފައިދިޔަ މީހެއްކަމުގައެވެ. އަދި އޭނާޔަށް އެމީހުންނަށް ދެވޭނެ ފަރުވާއެއް ދެމުން އަންނަކަމުގަޔާއި، އޭނާގެ ޙާލުވަރަށް ބޮޑުކަމުގައެވެ.
މީގެފަހުން އެއްވެސް މީހަކާއި އަޅުގަނޑަށް ގުޅޭގޮތެއްނުވިއެވެ. ދެންއިވެންފެށީ މާބިރުވެރިވާހަކަތަކެވެ. މިދެންނެވިމީހާގެ ގައިގައި ފޮތިއޮޅާ ރޯކޮށްލާން ނެރެފަހުރިވާހަކައެވެ. ދެފުލުހުންވެސް، އެމީހުން ރަހީނުކޮށް ހެދިނުހެދިއެއް ނޭނގޭވާހަކައެވެ. އެމީހުން ހަނގުރާމަ އިޢުލާންކުރިވާހަކައެވެ. ޑިފެންސްފޯސްއަށް ބަޑިޖެހުމަށް އަމުރުކުރި ވާހަކައެވެ. ހަނގުރާމައަށް ސިފައިން ފުރިހަމަ ހަތިޔާރާއެކު ފޮނުވާލެވުނުވާހަކައެވެ. މިހިރަ މިހިރަ އަޑުތައްއިވި ފިކުރުކުރާކުރާމީހަކަށްނަމަ ލޮލަށް ނިދިނާންނާނެއެވެ. ވާނުވާނޭނގިފައި އެތައް ވަޤުތުތަކެއްގައި ހިތާމައިން އަޅުގަނޑުމެން ތިބޭކަށް ނުޖެހޭތޯއެވެ.؟ އަނެއްދުވަހުގެ އިރުއަރާވަޤުތު ހިމެންދޫގައި ލޭގެ ސާލެއްދެމިގެންދާނެކަމާމެދު ޚިޔާލެއްނުކުރެވޭތޯއެވެ؟ އަޅުގަނޑުމެންގެ ތެރެއިން ބައެއްގެ ފުރާނައާމެދު ކަންބޮޑުވެ ލޮލުންކަރުނަ ނުހިލޭތޯއެވެ؟ މިފަދަ ހިތާމަވެރިކަމެއް ކުރިމަތި ނުކުރައްވާތޯ އަޅުގަނޑުމެން ދުޢާނުކުރަންތޯއެވެ؟ ﷲގެ އިރާދަފުޅާއެކު އަޅުގަނޑުމެންނަށް ދުވާލުގެ އަލިކަންގެނެސްދިނީ މިފަދަ ކުރިމަތިލުންތަކެއް ނުހިނގާކަމުގެ އުފާވެރި ޚަބަރެވެ. އެއްވެސް ޝަރުތަކާއިނުލާ މި ޖަމާޢަތުގެ މީހުން އަމާންދިންވާހަކައެވެ. އެހެންނަމަވެސް، ރަހީނުކުރި ސިފައިންގެ ބޭކަލަކަށް ވަރަށް އަނިޔާކޮށްފައިވާ ވާހަކައެވެ. މިހާހިސާބުންވެސް، އަޅުގަނޑުގެ ހިތުގައި ހަމަ ސުވާލުތައްދިޔައީ އުފެދެމުންނެވެ. މިނަންގަނެވޭ ހައްދުފަހަނައަޅާފައިވާ ޖަމާޢަތުގެ މީހުން މިހާފަސޭހައިން އެއްވެސް، ޝަރުތެއްނެތި އަމާންދިނީހެއްޔެވެ؟ އެފަދަ ބަޔަކާއި ސިފައިން މުޢާމަލާތުކުރިގޮތް ހަމައެކަނި އެނގޭނީ އެތަނުގައި ތިއްބެވި ބޭފުޅުންނަށެވެ. ދެން ހަމަ މާތް ﷲ ޙަޟްރަތަށެވެ.
މިދެންނެވި އޮޕަރޭޝަން ނިމުނުއިރު 63މީހަކު ހައްޔަރުވެއްޖެއެވެ. ކަނުބަނދެގެން، ފަހަތަށް ބިޑިއަޅުވައިގެން މިބައިމީހުންގެނެސް ޖަލަށްލެވިއްޖެއެވެ. ސިފައިންގެތެރެއިންނާއި ފުލުހުންގެތެރެއިން އެތައްބަޔަކަށް ބޮޑެތި އަނިޔާތަކެއްލިބިއްޖެއެވެ. އެހެންނަމަވެސް، މިވާހަކަތައް އެނގުނުފަދައިން ހިމެންދޫގެ މިދަންނަވާ ޖަމާޢަތުން މީހަކަށް އަނިޔާއެއްވީކަންނޫނީ ލިބުނީ ކިހާވަރެއްގެ އަނިޔާއެއްކަން އެނގޭމީހަކު އެބަހުރިތޯއެވެ. މީގެތެރެއިން 12މީހަކަށް އަނިޔާތަކެއްލިބި ފަރުވާދެމުންދިޔަނަމަވެސް، ބޮޑެތި އަނިޔާތަކެއް ނުވާކަމަށްވެސް، ވިދާޅުވެދެއްވުނީ މާފަހުންނެވެ. ސިފައިންގެތެރެއިން ރަހީނުކުރެވުނުކަމަށް ވިދާޅުވާބޭކަލަކު ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވަނިކޮށް ބައްދަލުކުރި ނޫސްވެރިންގާތު އެބޭފުޅާ ވިދާޅުވަނީ އެބޭފުޅާ ރަހީނުނުކުރާކަމުގައެވެ. އަދި އެމީހުން އެބޭކަލަކު ޒަޚަމްވެފައިވަނިކޮށް އޭނާއަށް އޯގާތެރެކަމާއެކު އެހީތެރިވެދޭން މަސައްކަތްކޮށްފައިވާ ކަމުގައެވެ. އެހެންނަމަވެސް، ހިނގައިފާ ކުރިމަތިލުމުގައި ހަމަ ޔަޤީނުންވެސް އެބޭކަލަކަށް ވަރަށްބޮޑެތި އަނިޔާތަކެއް އެވަނީވެފައެވެ.
މިއީ ހަމަޔަޤީނުންވެސް، އަޅުގަނޑުގެ ޙަޔާތުގައި ހިނގައިދިޔަ މިފަދަ އެންމެ ހިތާމަވެރި ޙާދިޘާއެވެ. މިފަދަ ޙާލަތަކަށް މި ޤައުމު ދާންޖެހުނީ ކީއްވެތޯއެވެ.؟ މިފަދަ ޖަމާޢަތެއް އުފެދި މިފަދަ ޙާލަތަކަށް ބައެއްގެ ފިކުރު ބަދަލުވެގެންދިއައިރު މި ޤައުމުއޮތީ ނިދާފަތޯއެވެ.؟ ދީނީ ގޮތުން ބަޔަކު ހައްދުފަހަނައަޅަނީ ދީން ރަނގަޅަށް އޮޅުންފިލުވާނުދެވުނީމައެވެ. ޤަބޫލްކުރެއްވިޔަސް، ނުކުރެއްވިޔަސް، ޙަޤީޤަތަކީ މިއީއެވެ. މިފަދަ ހަރުކަށި އުޞޫލުތަކެއް ގެންގުޅޭބަޔަކާއި ކުރިމަތިލުމުގައި ބާރުބޭނުންކޮށްގެން މާފުރިހަމަ ކާމިޔާބެއްލިބިދާނެތޯއެވެ.؟ އެހެންނަމަ ދީނުގެ ނަމުގައި، ޖިހާދުކުރުމުގެ ނަމުގައި ޖާނުންފިދާވާމީހުންވެސް، މިދުނިޔެއެއިން ނެތި ހިނގައްޖައީހެވެ. ނިކަންވިސްނަވާށެވެ. ވޭތުވެދިޔަ ރަމަޟާންމަހުވެސް، ފުލުހުންގެ ބާރު މިޖަމާޢަތަށް ވަނީ ދައްކުވާދީފައެވެ. ބާރުބޭނުންކޮށްގެން މިކަންހަމަޖެހޭނެނަމަ މި ރަމަޟާންމަހު މިބައިމީހުން މިގޮތަށް ޙަމަލަދޭން ތައްޔާރުވެގެން ނުކުތީސްތޯއެވެ؟ ފަހަރެއްގައިވެސް، މިބައިމީހުންގެ ޢަމަލުތައް ރަނގަޅުކަމުގައި އަޅުގަނޑު ދަންނަވަނީއަކީ ނޫނެވެ. އެހެންނަމަވެސް، މިގޮތަށް ޢަމަލުކޮށްގެން މީގެނަތީޖާ ފަހުންރަނގަޅުވާނެކަމަށް އަޅުގަނޑަކަށް ޤަބޫލްއެއްނުކުރެވެއެވެ. މިފަދަ މީހުންނަށް ހެޔޮގޮތް ވިސްނާދެވޭފަދަ ބޮޑެތި ދީނީ ޢިލްމުވެރިން މި ޤައުމުގައި އެބަތިއްބެވިއެވެ. އިސްލާމީ ކަންތައްތަކާބެހޭ މަތީމަޖިލިހެކޭ ކިޔާމަޖިލިހެއް އެބައޮތެވެ. މި މަޖިލިހުގެ ދައުރަކީ ކޮބައިކަމެއް ނޭނގެއެވެ. މިމަޖިލިހަށް މިފަދަ ކަންކަމުގައި ކަމެއްނުކުރެވޭނަމަ މި ރާއްޖޭގައި ތިއްބެވި މިފަދަ ޢިލްމުވެރިންނަށް ދަޢުލަތުން ޚަރަދުދެއްވައިގެންނަމަވެސް، މިކަންތައް ކުރެއްވުމަކީ މި ޤައުމުގެ މަޞްލަޙަތަށް ފައިދާކުރާނެ ކަމެއްކަމުގައިވާނެއެވެ. ދީން ދަސްކުރާހިތުންއުޅޭބަޔަކަށް މިފުރުޞަތު ލިބިދޭންޖެހެއެވެ. މިކަމަށްޓަކައި އެދޭބަޔަކު ކޮންމެހެން އަފްޣާނިސްތާނަށް ނޫނީ އެހެންވެސް މިފަދަ ޤައުމަކަށް ދާކަށްނުޖެހޭނެއެވެ. މި ޤައުމުގައި ރަނގަޅަށް ދީންއުނގަންނައިދެއްވޭނެ ބޮޑެތި ޢިލްމުވެރިން ތިއްބެވިކަމަށް އެއްވެސް ޝައްކެއްނެތި އަޅުގަނޑު ޔަޤީންކުރަމެވެ.
ހިނގައިދިޔަ މި ހިތާމަވެރި ޙާދިޘާއަކީ އިންސާނީ ބޮޑުމައްސަލައެކެވެ. މިކަންމިހެން ހިނގާދާންޖެހުމުގެ ޒިންމާ ހަމައެކަނި މިބައިމީހުންގެ ބޮލުގައި އެޅުވުމަކުން މިކަންނިމުނީކީނޫނެވެ. މިބައިމީހުން ވަކިވެގަތީ ކީއްވެތޯ ބައްލަވާށެވެ. މިމީހުންނަށް ފުރައްސާރަކޮށް ގޯނާކުރުމަކުން ނޫނީ ހަމައެކަނި ހަރުކަށި ޢަދަބުދީގެން މިކަންނިންމައެއްނުލެވޭނެއެވެ. މިކަމުގެ ޙައްލަކީ ބާރުބޭނުންކުރުންކަމުގައި ނުބައްލަވާށެވެ. މިބޮޑު މައްސަލަ ހިނގައިދިޔައިރު މިކަމާމެދު ކަންބޮޑުވާބައެއްކަމުގައި ހިޔުމަންރައިޓްސް ކޮމިޝަންވޭބާއެވެ. މި ކޮމިޝަންގެ ކޮމިޝަނަރއަށް ދަޢުވަތު ކާޑެއް ލިބިނުލައްވާތީ ހަމަކަހާތާ ހިރުވާވެސް ނުލެއްވިއެވެ. މިފަދަ އެހެން ޙާދިޘާއެއް ހިނގައިފިނަމަ ހަމަޔަޤީނުންވެސް، އަޅުގަނޑު އެމަނިކުފާނަށް ދަޢުވަތުނާމާއެއް ލިޔެ އާދޭސްދަންނަވާނަމެވެ. އަދި އެމަނިކުފާނު ރަސްމީ އިޢްޒަތުގައި މިފަދަތަންތަނަށް ވަޑައިގެންނެވުމަށް ކާރުކޮޅަކާއި، ލޯންޗްކޮޅެއްވެސް، ހަމަޖެއްސޭތޯ ބަލާނަމެވެ. ދެންއޮތީ ސިޔާސީ ޕާޓީތަކެވެ. މިހަމަނުޖެހުން ހިނގައިދިޔައީއެވެ. އެންމެހާ ޕާޓީތައްވެސް، މިޖަމާޢަތް ކުށްވެރިކޮށްނިންމައިގެން، މިކަމާބެހޭގޮތުން ހަމަޗުއްޕުވެސް ބުނެލަންނުކެރިފައިތިބީއެވެ. މިކަމަކީ ޤައުމީ ބޮޑު މައްސަލައަކަށް ނުވަނީތޯއެވެ.؟ މިފަދަ ބޮޑެތި ޤައުމީ މައްސަލަތައް ޙައްލުކުރުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރެއްނޯވޭތޯއެވެ؟ މިފަދަ މައްސަލަތަކަށް އެދެވޭ ޙައްލެއް ގެނައުމަށް އެއްވެސް ޕާޓީއަކުން މަސައްކަތެއްނުކުރެއެވެ. ސަރުކާރުން މަސައްކަތް ނުކުރާކަންވެސް އެނގިތިބެއެވެ. ސަރުކާރުންބެލީ ދެމީހަކު އެއްވެއްޖެނަމަ އެތަނެއްރޫޅާލެވޭތޯއެވެ. ވެރިކަމުގައި ވަކިހިއްޕަން މޮޅެތި އުކުޅުތައް ބޭނުންކޮށްލަކޮށްލަ ތިބީއެވެ. ސިޔާސީ ޕާޓީތަކުންބެލީ ހަމައެކަނި މައުމޫނޭ...މައުމޫނޭ..މިހެން ގޮވޭތޯއެވެ. ޤައުމުގައި ހުރި ބައެއް މައްސަލަތަކަށް ބަލައިލެވުނުނަމަވެސް، ކޮންމެބަޔަކުވެސް ބެލީ ތިމަންނައަށް ލިބުނު އަނިޔާގެވާހަކަގޮވައިގެން މެޑަލްޖެހޭތޯއެވެ. ދީނީ ފިކުރު މި ޤައުމުގައި ނެތިގޮސް، އެމީހަކު ހިތައްއެރިގޮތް އެއީ ރަނގަޅުގޮތްކަމށްދެކިގެން އުޅެނަގަނީއެވެ. ހިމެންދޫގައި އެއުފެދުނު ޖަމާޢަތުގެ ވާހަކައެކަނި ދެއްކީމަ ނިމުނީތޯއެވެ. މިމާލޭގައި ފޯސްހަދާލާފަ ނުކުމެ ގެތައް ޗެކްކޮށްލިނަމަ މާގިނަ ހަތިޔާރުވެސް ފެންނާނެއެވެ. މާބެޑެތި އަނިޔާތަށްވެސް، ފުލުހުންނަށްދިނީހެވެ. ބަނގުރަލާއި، މަސްތުވާތަކެތިވެސް ފެންނާނެއެވެ. ޒިނޭޚާނާތައްވެސް ފެންނާނެއެވެ. ނުވިތާކަށް މި ރަމަޟާންމަހު ރޯދަ ހިފުމެއްނެތި ކާންތިބޭ ފިރިހެންވެރިންގެ ބައިގަނޑުވެސް ފެންނާނެއެވެ. ފުލުހުން ހޯދަންޖެހޭ ޖިނާޢީކުށްތައްކޮށްފައިވާ އެތައް އެތައްބަޔަކުވެސް ފެންނާނެއެވެ. މިއީ ދޮގެއްނޫންކަމުގައި ﷲގަންދީ ހުވާކުރަން އަޅުގަނޑަށް ކެރިދާނެއެވެ. ދަންނަވަންތޯއެވެ. ހިމެންދޫއިން 63މީހަކު ހައްޔަރުކޮށް ކަނުބަނދެގެން ބިޑިއަޅުވައިގެން ގެނެސް އެމީހުންގެ މައްޗަށް ބޮޑެތި ހަރުކަށި އަދަބުތައް ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، އެ އަދަބުތަކަކީ މިމައްސަލައިގެ ޙައްލުކަމުގައި ނުބައްލަވާށެވެ. ކޮންމެބައެއްގެތެރޭގައިވެސް، ރަނގަޅު ނުރަނގަޅު މިދެބައިވެސް ވާނެއެވެ. ނުބައިކަންނައްތާލުމަށް ނުބައިކަންބޭނުންކޮށްގެން ދުވަހަކުވެސް ރަނގަޅެއްއޮންނާނެތޯއެވެ. މި ޙާދިޘާއާއި ގުޅިގެން އެތައްބައެއްގެ އަބުރަށް ހުތުރުވާކަހަލަ އެތައްވާހަކަތަކެއް ދައްކައިފިއެވެ. ހިމެންދޫގެ މިޖަމާޢަތުގެ ޢާއިލާތަކަށް ބަދުބަސްރައްދުކޮށްފިއެވެ. މިއީވަރަށްވެސް ދެރަކަމެކެވެ. މިފަދައިން ހުރިހާކަމެއް ހިނގައިދިއުމުންވެސް، އެއްވެސް ބަޔަކު މިކަމާ ކަންބޮޑުވީހެން ހިއެއްނުވެއެވެ. ހިމެންދޫ ،ހިމެންދޫ،. ހިމެންދޫ،،، ވަކިވެގަނެގެންއުޅޭ ޖަމާޢަތް،،، މިހެން ތަސްބީހައެއްހެން ކިޔުންނޫންކަމެއް މިއަދަކުނެތެވެ. އެތައް ޢާއިލާތަކެއް އެކަނިވެރިވެ ނިކަމެތިވެފައި ތިބިކަން އެނގޭބަޔަކު އެބަތިބިތޯއެވެ؟ ކުޑަކުދިންނާއި އަންހެންވެރިން އެކަނިމާއެކަނި ކިތައްގޭގައި އެބަތިބިތޯއެވެ.؟ މިޢާއިލާތަށް ކައިބޮއިހަދާނީ ކިހިނެއްތޯއެވެ؟ މިޢާއިލާތައްދިރިއުޅުމަށް ޚަރަދުކުރާނީ ކޮންފަދައަކުންތޯއެވެ؟ މި ޢާއިލާތަކަށް މި ރަށުގައި ދެންއުޅޭމީހުންގެ ފަރާތުންގޯނާއެއް މިދަނޑިވަޅުގައި ލިބުމަކީވެސް، ވެދާނެކަމެއްނޫންތޯއެވެ؟ މިއީ ބަލަންޖެހޭ އިންސާނީ މައްސަލަތަކެއްނޫންތޯއެވެ.؟
މިވާހަކަތައް މިމޭރުމުން ލިޔުމުން އަޅުގަނޑުވެސް، ހައްދުފަހަނައަޅައިދިއައިކަމުގައި ބުނާބަޔަކުބުނާނެއެވެ. ނޫސްވެރިކަން ޒިންމާދާރުގޮތުގައި ނުކުރަނީއޭވެސް ބުނާނެއެވެ. އެހެންނަމަވެސް، މިކަމާމެދު އަޅުގަނޑުގެ ވިސްނުންހުރިގޮތް އަޅުގަނޑު މިދެންނެވީއެވެ. އަޅުގަނޑުމެންނަކަށް ޒިންމާދާރު ނޫސްވެރިކަން އަދާކުރެވޭކަށްނެތެވެ. ޒިންމާދާރު ނޫސްވެރިކަމަކީ ތިލަފަތްހަމަވާގޮތަށް ދެފަރާތްފެންނަގޮތަށް އަދާކުރާ ނޫސްވެރިކަމެވެ. މިފަދަ ނޫސްވެރިކަން ނުކުރާބައެއްކަމަށް ވިދާޅުވެ، އަޅުގަނޑުމެންގެ މަޖައްލާގެނަންގެނެސް ހައްދަވާ ބޭފުޅުން މިކަމުގެ ޒިންމާފުރިހަމައަށް އުފުއްލަވާށެވެ. އަޅުގަނޑުމެންގެ ހަފްތާ މަޖައްލާ 'އެސަންދާން' އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރެޖިސްޓްރީކޮށްގެން ނެރެމުންދާ މަޖައްލާއެއްކަމުގައި ވީނަމަވެސް، އަޅުގަނޑުމެންނަކީ މި ރާއްޖޭގައި މީޑިއާއޭމިކިޔާބައިގައި ހިމެނޭ ބަޔަކަށްނުވެއެވެ. ހިމެނޭކަމުގައިވާނަމަ ފުލުހުންނާއި ސިފައިން މީޑިއާއަށް ދެއްވާ ފުރުޞަތުތަކުގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބުނީހެވެ. މިފަދަ ނޫސްވެރިކަން ކުރާބަޔަކަށް އަޅުގަނޑުމެންވާނީ ކިހިނެތްތޯއެވެ. އަޅުގަނޑުމެން މިފަދަ ފުރުޞަތުތަކަށްއެދި އެފަރާތްތަކަށް ދަންނަވަންވީ ކޮންފަދައަކުންތޯއެވެ. އިންފޮމޭޝަން މިނިސްޓަރ ނަޝީދުއަށް މިހިނދު ވަރަށް އާދޭހާއެކު ދަންނަވަމެވެ. މިފަދައިން އަޅުގަނޑުމެންނާމެދު ތަފާތުކުރެވެމުންދާއިރު މަނިކުފާނު ޒިންމާދާރު ނޫސްވެރިކަން އަޅުގަނޑުމެންނުކުރާވާހަކަ ވިދާޅުވަން ލަދުފުޅެއްނުގަނޭތޯއެވެ. މިފަދަ ޤައުމުގެ ހުރިހާކަމެއް ހަލާކުވެގެން މިދަނީ މިފަދަ ތަފާތުކުރުންތައް ގިނަވީމައެވެ.
Sunday, October 28, 2007
dheenee gothun moonuburugaa manaa kureveyne evves gotheh nonnaane " JAZEERA DAILY
މަދީނާއިން ދީނީ ތައުލީމް ހާސިލް ކުރައްވައިގެން ހުރި އަބުދުﷲ ބުނު މުހައްމަދު އިބްރާހިމް ވިދާޅުވީ އިސްލާމް ދީނުގައި ވަކިކަމެއް ސާބިތުވެފައި އޮއްވައި މީހަކު ކުރާ ކަމަކުން ނުވަތަ ބަޔަކު ދެކޭ ގޮތަކުން އެ ހުކުމެއް ބަދަލު ވެގެން ނުދާނެ ކަމަށެވެ.
އަބުދުﷲ ވިދާޅުވީ އިސްލާމްދީނުގެ ހުރިހާ އަދާވާތްތެރިން އެންމެ ރުޅިއަންނަ އިސްލާމީ ވަންތަ ބޭރުފުށުގެ ކަންތައްތަކަކީ ތުބުޅި އާ ފައިކުރި އަދި ބުރުގާ ކަމަށެވެ.
” އަވަށްޓެރި ލަންކާގައިވެސް ޓެރަރިޒަމްގެ އަމަލޭ މިކިޔާ އަމަލުތައް ހިންގަމުންދާތާ, މިހާރު 20 ވަރަކަށް އަހަރު ވެގެން ދަނީ އެހެންނަމަވެސް އެގައުމުގައި ވެސް މޫނު ބުރުގާ އަށް ވަރަށް އިހުތިރާމް ކުރޭ.“ އަބުދުﷲ ވިދާޅުވި އެވެ.
އަބުދުﷲ ވިދާޅުވީ މޫނު ބުރުގާ ނެގުމަށް އެންގުމަށް ވުރެ, އިންސާނުންގެ އަތްފައި ކެޑުން ވެސް މާރަގަޅު ވާނެ ކަމަށާ އިންސާނުން ބޮޑެތި ޖަރީމާތައް ހިންގަމުންދަނީ އަތްފައި ހުންނާތީ ކަމަށެވެ
ދީނީ އިލްމުވެރިންގެ ފަތުވާ: ދީނީގޮތުން މޫނު ބުރުގާ އެޅުން މަނާކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ
މޫނު ބުރުގާ ނޭޅުމަށް ދީނީ ގޮތުން އެއްވެސް ފަރާތަށް ނޭންގޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިން ބުނެފި އެވެ.
ދީނީ އިލްމްވެރިންގެ ވާހަކަތައް މިގޮތަށް އައިސްފައިވަނީ މިމަހު 10 ވަނަ ދުވަހު ރައީސް އޮފީހުން ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީމަޖިލީހަށް ފޮނުވި ސިޓީއެއްގައި ކޮންބައެއްކަން އޮޅުންނުފިލާ ފަދަ ގޮތަކަށް ހެދުން އަޅައިގެން މަގުމަތީގަ އާއި އާއްމުތަންތާގައި އުޅުމާއި މިދެންނެވި ފަދަ ކަންތައްތައް ކުރުން މަނާ ކުރުމަށްޓަކައި އިއުލާން ކުރުމަށް މަތީމަޖިލީހަށް އެންގެވުމާއި ގުޅިގެން ނެވެ.
މަދީނާ އިން ދީނީ ތައުލީމް އުގެނިވަޑައިގެން ހުންނެވި އާދަމް ނަސީމް(ބީއޭ) ވިދާޅުވީ ފިތުނަ ވެރިކަށް އުފެދޭ ތަންތާގައި މޫނު ނިވާ ކުރުމަށް ދީނުގައި އަންގަވާފައިވާ ކަމަށެވެ.
” އެކަބުލޭގެ މޫނު ނިވާ ކުރަން ބޭނުން ވަނީ ނަމަ, އެއްވެސް ފަރާތަކަށް ނޭންގޭނެ މޫނު ނިވާ ނުކުރާކަށެއް. އެއީ ދީނުގައި އޮންނަ ގޮތަކީ.“ ނަސީމް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ އެކަބުލޭގެ އިހުތިޔާރުގައި މޫނު ނިވާ ކުރަނީ ނަމަ ފިރިމީހާއަށް ވެސް އަދި ވެރިއަކަށް ވެސް އެކަން ނުކުރުމަށް ނޭންގޭނެ ކަމަށެވެ.
މަދީނާއިން ތައުލީމް ހާސިލް ކުރެއްވި ޝައިހް އަބުދުﷲ ބުން މުހައްމަދު އިބްރާހިމް ވިދާޅުވީ އިސްލާމް ދީނުގައި ވަކިގޮތަކަށް ބުނެފައި ވަނިކޮށް އެއާއި އިދިކޮޅަށް ގާނޫނެއް ހަދައި އިސްލާމް ދިރިއުޅޭ ބިމެއްގައި ތަންފީޒު ނުކުރެވޭނެ ކަމަށެވެ. އަދި މިފަދަ ގޮތަކަށް ހެދޭ ގާނޫނެއް ވަނީ ބާތިލް ގާނޫނަކަށް ކަމަށެވެ.
މިމައްސަލައަކީ މިއަދު ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށާ ސަލްޓަންޕާކް ހާދިސާ ހިނގުމުގެ މާކުރިން ފެށިގެން ވެސް މިކަމަށް ޕްލޭން ކުރެވެމުން އަންނަ ކަމަށް އަބުދުﷲ ވިދާޅުވި އެވެ.
އަބުދުﷲ ވިދާޅުވީ ސަރުކާރުން އަބަދު ވެސް ބުނަމުން އަންނަނީ އިސްލާމްދީނަކީ މެދުމިނުގެ ދީން ކަމަށެވެ.
” އަޅުގަނޑުމެންނަށް އެބަ ފެނޭ އައުރަ ނިވާ ނުކޮށް އުޅެމުންދާ މީހުން ވެސް. ދެން މިއޮތީ އާއްމް ބުރުގާ. އެއަށް ވުރެ މާތްކަމެއްގެ ގޮތުގައި މޫނު ބުރުގާ. އެހެންވުމުން މިތިން ވައްތަރު މޫނު ބުރުގާ މަނާ ކުރުމަށް ގަވައިދު ހަދާއިރު އައުރަ ނިވާ ނުކުރާމީހުންނަށް ގަވައިދެއް ނެތް ކަމުން ސަރުކާރުގެ މަގުސަދު އެބަހާމަވޭ. މިކަމުގައި ސަރުކާރުގެ ހެޔޮނިއަތެއް ފެންނަށް ނެތްކަން ވެސް ދޭހަވޭ.“ އަބުދުﷲ ވިދާޅުވި އެވެ.
އަބުދުﷲ ވިދާޅުވީ ސަލްޓަންޕާކްގެ ހާދިސާގެ ކުރިން ވެސް މިރާއްޖޭގައި ބޮޑެތި ޖަރީމާތައް ހިންގާ މީހުންވެސް މާރާފައި އެބަހުރި ކަމަށާ އެފަދަ ހާދިސާ ތަކުގައި ވެސް އެއަމަލު ހިންގި މީހަކާއި އެއްގޮތަށް ތިބޭ އެންމެން ފާހަގަކޮށް ހުނިޖަހާފައި ނުވާ ކަމަށެވެ.
” ރަތްކުލައިގެ ހެދުމެއް ލައިގެން ހުރި މީހަކު ވައްކަންކޮށް ފިއްޔާ ރަތްކުލައިގެ ހެދުން މަނާ ކުރަންވީތޯ؟ މިއީ ދެއުޅިއެއްނުވާ ކަމެއް ކަން ވިސްނާލުމުން އެގިގެންދާނެ.“ އަބުދުﷲ ވިދާޅުވި އެވެ.
މިސްރުން ކިޔަވާ ވިދާޅުވި އަލްއުސްތާޛު މުހައްމަދު ނަޝީދު ވިދާޅުވީ މޫނު ބުރުގާގެ މައްސަލައަކީ އިހުތިލާފީ މައްސަލައެއް ކަމަށާ އެހެން ވުމުން އެއްވެސް ފަރާތަކަށް އެކަމަށް ވަކި ގޮތެއް ނުނިންމޭނެ ކަމަށެވެ. ނަޝީދު ވިދާޅުވީ މީހަކު އެމީހެއްގެ އައުރައަށް ވުރެ ބޮޑަށް ނިވާކޮށްގެން ދީނީ ގޮތުން މައްސަލައަކަށް ނުވާނެ ކަމަށާ މައްސަލައަކަށް ވާނީ އައުރަ ނިވާނުވާ ނަމަކަމަށެވެ.
” އަޅުގަނޑުމެންނަށް ކުރިން ފާހަގަ ކުރެވުނު މިސްރުގައި ވެސް އެގައުމުގެ ބައެއް ޔުނިވަލްސިޓީތަކަށާ އެހެން ވެސް ތަންތަނަށް މޫނު އަޅައިގެން ނުވަދެވޭ ގޮތް ހެދިތަން. އެހެން ނަމަވެސް އެގައުމުގައިވެސް އާއްމްތަންތާގައި މޫނު އެޅުން މަނަލެއް ނުކުރޭ.“ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި ކޮންމެހެން އައިޑެންޓިޓީ އެގެން ބޭނުންވާ ތަންތަނަށް ވަންނަ އިރު އެމީހެއްގެ އައިޑެންޓެޓީ ބެލިދާނެ ކަމަށެވެ.
” މޫނު ބުރުގާ އަޅާފައި ހުންނަ އަންހެނަކު ބަލަން ބޭނުންނަމަ އަޅުގަނޑުމެންގެ ފުލުހުންގެ ތެރޭގައި ވެސް އަންހެނުން އެބަ ހަރަކާތްތެރިވޭ.“ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ދީނީ އިލްމް ވެރިއެއްކަމުގައިވާ ޔޫސުފް ގަރުބާވީ ވެސް މޫނު އެޅުމަކީ އިހުތިލާފީ މައްސަލައެއް ކަމަށް ވިދާޅުވާ ކަމަށާ މޫނު އަޅަން ބޭނުންވާ މީހުންނަށް އެހައްގު ލިބިދޭން ޖެހޭނެ ކަމެއް ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.
މަދީނާގެ އިސްލާމިކު ޔުނިވަރސްޓީން ތައުލީމް ހާސިލް ކުރައްވާފައިވާ ހަސަން މޫސާ ފިކުރީ ވިދާޅުވީ މިކަމަކީ ބައެއް އިލްމް ވެރިން ވާޖިބެއް ކަމަށް ދެކޭ, އަދި އަނެއްބައި އިލްވެރިން ގަދަވެގެންވާ ސުންނަތެއް ކަމަށް ދެކޭ ދީނީ މައްސަލައެއް ކަމަށާ މިކަމަށް ސަރުކާރުން ވަކި ގޮތަކަށް ނިންމެވުން މިއީ ދީނަށް ގޮންޖެހުން ކަމަށެވެ.
” އަޅުގަނޑުމެން ފަދަ އިސްލާމީ ދައުލަތަކުން ދީނީ ހުކުމަކާއި އިދިކޮޅަށް ތައާރުޒުވާ ގޮތަށް ގާނޫނުތައް ހަދާއިރު, އިސްލާމީ ނޫން ގައުމުތަކުގައި މިހައްގުތައް އެތަންތާގެ މުސްލިމުންނަށް ލިބިދޭ.“ ފިކުރީ ވިދާޅުވި އެވެ.
.
Friday, October 26, 2007
ހައްދުފަހަނައަޅާ ދިއުމަކީ ކޮބާ؟ ބުރުގާ އެޅުމާއި ތުނބުޅި ދިގުކުރުމަކީ ހައްދުފަހަނަ އެޅުންނަމަ، ބަރަހަނާކޮށް އުޅުމަކީ ހައްދުގައި ތިބުންތަ؟
http://jazeera.com.mv/posts/view/5036
މަގުމަތިން ދިމާވި ރައްޓެއްސަކު ރަކި ފާޑަކަށް ހީލާފައި ”ކޮބާ ހިމެންދޫއަށް ދިޔައީތަ“ ”ތިއީވެސް އެބަގައިގެ މީހެއް ދޯ“ އޭ ބުންޏެވެ.
ޖަވާބުގައި ބުނެލެވުނީ ”އަނެއްކާ ކިހިނެތް ވީހެއްޔެވެ“. އެހިސާބުން އޭނާވެސް ހުއްޓައެއް ނުލިއެވެ.
”ތިހިރީނު ތަނބިކަށްޓަށްވުރެ މައްޗަށް ފައިކުރި އަރާފައި. އަދި ތުނބުޅިއެއްވެސް ބަހައްޓާފައި“ އޭނާ ބުންޏެވެ.
އޭނާ ބުނީ ތިގޮތަށް އުޅެނީ މިއުޅޭ ހައްދުފަހަނައަޅާފައިވާ މީހުންނެވެ. ” ވައްހާބީން“ނެވެ. އަދި އެހެން ނޫޅުމަށް ނަސޭހަތްތެރިވެސް ވިއެވެ. ހަޤީގަތުގައި ފައިކުރި ހުރީ ވުޟޫކުރަން އޮޅާލިގޮތަށް ނިއުޅާ ނުލެވިއެވެ. އެހާހިސާބުން ހިތާހިތާ ކިޔާ ލެވުނެވެ. ހައްދުފަހަނައެޅުމުގެ ލަޤަބު އެމީހުން ދިނީތާއެވެ.
”ހައްދުފަހަނާ އަޅައިފި“,”ދީނީގޮތުން ބައިބައިވެއްޖެ“ މިއީ ފަހަކަށް އައިސް ވާހަކައެއް ނޫނެވެ. އެންމެ ގިނައިން މިއަޑުއިވެނީ މީޑިއާގެ ޚަބަރުތަކުގަ އެވެ. ކޮންމެވެސް ބައެއްގެ އަމަލުތަކަށް ދީއުޅޭ ނަމެއްގެ ގޮތުގައެވެ. މިޕްރޮޕެގެންޑާ ނުވަތަ މިވާހަކަތަކުގެ ސަބަބުން މިއީ އާއްމުންގެ ތެރޭގައިވެސް ވަރަށް އާއްމު ބަހެކެވެ. ”ހާލު ކިހިނެތްހޭ“ އަހާލުމުގެ ކުރިން އަހާލެވޭ އަތްމަތީ ބަހެކެވެ.
ހައްދުފަހަނާއެޅުމަކީ ކޮބައިހެއްޔެވެ؟ އެގޮތަށް އުޅެނީ ކޮންބައެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ލިބެތޯ ކުރި މަސައްކަތުން އެންމެ ބޮޑަށް އެނގުނު އެއްޗަކީ ހައްދުފަހަނާއަޅާފައިވާ މީހެއްގެ ދަރަޖަ ނުވަތަ އެލަޤަބު ލިބެނީ ”ފައިކުރި ކުރު މީހުން“ ނަށެވެ. ”ތުނބުޅި ދިގުކޮށްފައި ހުންނަ މީހުން“ ނަށެވެ. ގިނަގިނައިން މިސްކިތަށް ނަމާދަށް އަރާ ޤުރުއާން ކިޔަވާ ހަދާއުޅޭ މީހުންނަށެވެ. ދީނީވާހަކަދައްކައި ދީނުގައި އޮންނަ ގޮތްގޮތަށް އުޅޭ މީހުންނަށެވެ. ބުރުގާ އެޅުމާއި ޚާއްޞަކޮށް މޫނު ބުރުގާ އެޅުން އަދި ނިވާކަން ބޮޑުކޮށް ހެދުން އަޅާ އަންހެން ވެރިންނަށެވެ.
ހައްދުފަހަނައެޅި މީހުންގެ ގޮތުގައި ހައްޔަރުވީވެސް ގިނައިން އެގޮތަށް އުޅުނު މީހުންނެވެ. ޗިލީ ސޯސް ޖަހައިގެން ތުނބުޅި ބޭލުވީވެސް އެމީހުންގެ ތުނބުޅިޔޯލައެވެ. ވަކިވަކިން އުފުރައިގެން ބައެއް މީހުންގެ ތުނބުޅި އުފުރާ ހުސްކޮށްލާފައިވެސް އެބަހުއްޓެވެ. އަތު އަނދަގޮނޑިއާއި ފައި އަނދަގޮނޑި ޖަހައިގެން ދިން އަނިޔާއަށް ކެތް ނުވެގެން އެތައް ބަޔަކު މިދުނިޔެ ދޫކޮށްލި އެވެ.
ރާއްޖޭގެ މަގެއްގެ މައްޗަށް ޚާއްޞަކޮށް މާލޭގެ މަގެއްގެ މައްޗަށް ނިކުތުމަކީ ބިރުހުރި ކަމެކެވެ. ބަލިކަށި ހިތްތަކަށް ވަހުޝީ އަސަރެއް ނުވަދެ ގެއަށް ވަދެވުމަކީ ވާނޭ ކަމެއް ނޫނެވެ. އަޅާފައި ހުންނަ ހެދުމުން ފޮރުވޭ ބަޔަށްވުރެ ބޮޑުވާނީ ނުފޮރުވޭ ބައެވެ. ކަތިވަޅިން ޖެހީމާ މޭމަތިން ފާޅުވާން ހުންނަބައި ހާމަޔަށް އޮންނައިރު, އޭގެ އެންމެ ފުރިހަމަ ހެދުމެއް އެޅުނުކަމަށް ވަނީ އުރަމަތިންވެސް ބޮޑުބައެއް ހާމަޔަށް ފެންނާން އޮތީއްޔާ އެވެ. ކިހިލިފަތްދަށުން ފެންނަން ހުންނަ ހެދުމެއް ލައިގެން ނުކުންނަ މީހުންނަށް ވުރެ ގިނައީ އަމުދުން އަތް ނުވެސް ހުންނަ ހެދުންތައް ގަޔަށް މަހާލައިގެން ނިކުމެ އުޅޭ މީހުންނެވެ. ފޫޅުގައި އަޅުވާފައި ހުންނަ ބޮޅު ދައްކަންވެގެން ތިރިން ލާފައި ހުންނަ އެއްޗަކާއި މަތިން ހުންނަ ހެދުން ކުރުކޮށްލި ކޮށްލީނުން ޅިނދުކަށިގަނޑާއި މައިދަށުން ފެށިގެން ބޮޑުބައި އޮންނާނީ ސޭލް އަޅުވާފަ އެވެ.
ނިވާވާވަރުގެ ހެދުމެއް ލައިފިއްޔާ އެހެދުމެކޭ ގައިގެ ވަނާތައް އެނގޭގޮތަށް ގައިގައި އުނގުޅާފައި ހުންނަ ކުލައެކޭ އެއްވަރެވެ. އެތެރެ ފެންނަ ގޮތަށް އެފަދަ ހެދުމެއްވެސް ލެވިއްޖިއްޔާ އެހެރީ އަދި ގިނަ މީހުން އެދޭގޮތަށެވެ.
މައިންބަފައިންނާއި ދަރިން ސިޓިންގ ރޫމުގައި ތިބެގެން ބަލަން ޓީވީން ފޮނުވަނީ ޑްރާމާތަކާއި ލަވަތަކެވެ. އެމީހުންގެ ހާލުވެސް ހަމަ އެފަދައެވެ. ގެއަކަށް ވަނިއްޔާ އެގޭ ހަގަށް ހުރި ކުއްޖާ ބިޓު ކައިރީ އިންނަގޮތުން އިސްއުފުލާލަން ކެރޭވަރެއް ނޫނެވެ.
މަގުމައްޗެކޭ ކޮޓަރިއެކޭ ގައިގޯޅިވުމުގައި އެއްހަމައެވެ. ބަސްބުނެ އުޅުމުގައިވެސް އެފަދައެވެ.
މިއީހެދުން އެޅުމުގައި ހައްދުގައި ތިބުން ކަމަށް ވާނަމަ ދީނަށް އުޅުމުގައިވެސް އެވަރުގެ ހައްދެއްގައެވެ. ކަރުގައި ސޮލީބާއި އިބިލީސް ރަމްޒުކުރާ ނިޝާންތައް އަޅާފައި ހުންނައިރު ޑީޖޭއެއް ނެތް ރެއެއް ނަމަ އެއީ ރެއެއް ނޫނެވެ. ފުޅިފުޅިއަށް އަޅައިގެން މަގުމަތީގައި ބަނގުރާ ބޮއެ ނަގައިރު ގޭގޭގެ އައިސް އަލަމާރީގައިވެސް އެއެވެ. މަސްތުވާތަކެތީގެ ޑީލްތ