Friday, June 13, 2008

ލުއި ފަސޭހަކަމާއި ކަންފަސޭހަކަން

ދީނުގެ ވާހަކަ ދައްކާއިރު މިއަދު އެއްމެ ގިނައިން އިވެމުންދާ އަޑަކީ "އިސްލާމް ދީނަކީ ލުއިފަސޭހަކަމުގެ ދީނެވެ." މިހެން ކިޔާ އަޑެވެ. ނަމަވެސް ސުވާލަކީ އިސްލާމް ދީނަކީ ލުއިފާސޭހަކަމުގެ ދީނޭ ގޮވާ މީހުންގެ ތެރެއިން ގިނަ މީހުން ލުއި ފަސޭހަކަން މާނަ ކުރަނީ ހަމަ ޙަޤީޤަތުގައިވެސް މާތް ﷲ އިސްލާމްދީނުގައި ލައްވާފައިވާ ލުއިފަސޭހަކަމުގެ މާނައިގައިބާވައެވެ؟ ނޫނީ މިހެން ގޮވާ މީހުންގެ ތެރެއިން ގިނަ މީހުންގެ ހިތްތަކުގައި ފޮރުވިފައިވާ އެހެން މާނައެއް އޮވޭބާވައެވެ؟ އާދެ ! ދީނީކަންކަމާމެދު ފަރުވާ ކުޑަކޮށް ތިމާ ހިތުހުރިހާ ގޮތަކަށް އުޅެފައި އިސްލާމްދީނަކީ ލުއިފަސޭހަކަމުގެ ދީނޭ ބުނާނަމަ މީގެ މާނައަކީ އެމީހަކު ލުއިފަސޭހަކަން މާނަ އެކުރަނީ ކަންފަސޭކަމުގެ މާނައިގައެވެ. މަސައްކަތް ނިމި ތިމާ ފެންވަރައިގެން ކަމެއްނެތި ހުންނަ ފަހަރެއްގައި ނަމާދަށް ގޮސް ، ނުވަތަ މިސްކިތަށް ދަނީ އައު ގަމީސް ދައްކަން ހަފްތާއަކު އެއްފަހަރު ހަމައެކަނި ހުކުރަށް ކަމުގައިވާނަމަ އެއީ ލުއި ފަސޭހަކަމެއް ނޫނެވެ. އެއީ ކަންފަސޭހަކަމެވެ. ވީމާ ލުއި ފަސޭހަކަމުގެ މާނައަކީ ކޮބައިތޯ ބަލާލަން އެބަ ޖެހެއެވެ. އިސްލާމް ދީނަކީ ލުއި ފަސޭކަމުގެ ދީނޭ ބުނާ ބަހުގެ މާނައަކީ ދީނުގެ ވާޖިބުތައް އަދާކުރުމުގައި ދެއްވާފައިވާ ލުއިފަސޭހަ ކަމުގެ ވާހަކައެވެ. މިސާލަކަށް ނަމާދުގައި ކޮޅަށް ހުރުމަކީ ކުޅަދާނަކަން ލިބިގެންވާ މީހަކަށް ނަމާދުގެ ރުކުނެކެވެ. ކޮޅަށް ނުހުރެވޭނަމަ އިށީނުން ހުއްދަވުމުގެ ލުއިފަސޭހަކަމެވެ. ވުޟޫކުރުމަށް ފެން ނުލިބުނު ނަމަ ނުވަތަ އެހެންވެސް ސަބަބަކާހުރެ ފެން ބޭނުން ކުރުމަށް ނުކުޅެދޭނަމަ ތަޔައްމަމު ކުރުން ހުއްދަވުމުގެ ލުއިފަސޭހަކަމެވެ. ދަތުރެއްގެ މަތީގައިވާ މީހާ ނުވަތަ ބަލިމީހާ ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމަށް ފަހު އެހެން ދުވަސްތަކުން ހިފައި އެ ރޯދަ ހަމަކުރެވޭ ގޮތަށް އޮތުމުގެ ލުއި ފަސޭހަކަމެވެ. ރޯދަ ނުހިފޭވަރުގެ މުސްކުޅިން ރޯދަ ނުހިފައި ދޫކޮށްލި ކޮންމެ ރޯދައަކަށް މިސްކީނަކަށް މުއްދެއްގެ މިންވަރު ކާންދިނުމުން ފުދޭ ގޮތަށް އޮތުމުގެ ލުއިފަސޭހަކަމެވެ. އަންހެނާގެ ޙައިޟުގެ ދުވަސްވަރު ފާއިތުވާ ނަމާދު ޤަޟާކުރަން ނުޖެހުމުގެ ލުއި ފަސޭހަކަމެވެ. ދަތުރުމަތީގައިވާ މީހާއަށް ނަމާދު ޤަޞްރުކުރުމާއި ޖަމްޢުކުރުން ހުއްދަވުމުގެ ލުއިފަސޭހަކަމެވެ. އަދި ދަތުރެއްގެ މަތީގައި ނޫނަސް ހާލުދެރަ ބަލިމީހުންފަދަ ޝަރުޢީ ޢުޛުރުވެރިންނަށް ރަށުގައިވެސް ނަމާދު ޖަމްޢުކުރުން ހުއްދަވުމުގެ ލުއި ފަސޭހަކަމެވެ. މިހެން ގޮސް އިސްލާމް ދީނުގައިވާ ލުއިފަސޭހަކަމުގެ މިސާލުތައް ގުނާ ޢަދަދު ނުކުރެވޭހާ ގިނައެވެ. އެހެނީ މުޅި އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ ލުއިފަސޭހަކަމުގެ މައްޗަށެވެ. އެއީ ޝަރީޢަތުގެ މަތިވެރި ޞިފައެކެވެ. މިގޮތުން އިސްލާމްދީނުގައި މާތް ﷲ އަންގަވާ ޝަރްޢު ކުރައްވާފައިވާ ކޮންމެކަމަކީ އިންސާނުންނަށް އެކަންކަން ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ކަންތައްތަކެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގައި ވެއެވެ. " އެއްވެސް ނަފްސަކަށް އެނަފްސަކަށް އުފުލޭވަރުކަމެއް މެނުވީ މާތް ﷲ ނުޖައްސަވައެވެ." (البقرة: 286) އިސްލާމް ދީނުގައި ދެއްވާފައިވާ ލުއިފަސޭހަކަމުގެ މިސާލުތަކަށް ބަލާލުމުން ހާމަވެގެން ދަނީ ކަމެއް އުނދަގޫވެގެން އެނޫން އެހެން ގޮތަކަށް ކަމެއް ކުރާނަމަ އެގޮތަކީވެސް އެއީ މާތް ﷲ އަންގަވާ ޝަރުޢު ކުރައްވާފައިވާ ގޮތެއްކަމުގައި ވާންޖެހޭނެކަމެވެ. ފަހަރެއްގައިވެސް ތިމާ ހިތަށް އެރިހާގޮތަކަށް ކަމެއް ކުރުން ނުފުދޭނެކަމެވެ. މިސާލަކަށް ރަމަޟާން މަހު ރޯދަ ހިފުމަކީ އިސްލާމް ދީނުގެ ރުކުނެކެވެ. ނަމަވެސް ދަތުރެއްގެ މަތީގައިވާ މީހާ ރޯދަ ދޫކޮށްލުމަށް ފަހު ތިމަންނަ އަށް ފަސޭހައީ ރޯދަ ޤަޟާކުރުމުގެ ބަދަލުގައި ދޫކޮށްލި ކޮންމެ ރޯދައަކަށް މީސްކީނަކަށް ކާންދިނުމޭ ކިޔާފައި އެކަން ކުރުމަކުން ނުފުދޭނެއެވެ. އެގޮތަށް ވިސްނާނަމަ އެއީ ލުއި ފަސޭހަ ކަމެއް ނޫނެވެ. އަދިކިއެއްތަ އެއީ ކަންފަސޭހަކަމެވެ. އެންމެހާ އަޚުންނާއި އުޚުތުންނޭވޭ! ލުއިފަސޭހަކަމުގެ ނަމުގައި ކަންފަސޭހަ ބަޔަކަށް ތިޔަބައިމީހުން ވެ ނުވާށެވެ! ދީނުގެ ކަންކަމުގައި ހީވާގި ކެރޭ މުރާލި ބަޔަކަށްވާށެވެ! އަދި ދީނަކީ ތިމާގެ މުޅި ޙަޔާތްކަމުގައި ހައްދާށެވެ! އިސްލާމް ދީނަށް އެއްކޮށް ވަންނާށެވެ! އެއްބައި ކަންކަމުގައި ދީނަށް ޢަމަލުކޮށްފައި އަނެއްބައިކަންކަމުގައި ތިމާ ހިތުހުރިހާ ގޮތަކަށަ ކަންތައް ކުރާބަޔަކަށް ނުވާށެވެ!

1 comment:

Anonymous said...

jazakallah khari..nice article...mee hama emmenahves vefa thibigoi...medhuminaai lui faseyhakan hodhaigen aahiraiy dhuvas mathin mulhin handaan nethifa...